މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަން އެ އޮތޯރިޓީން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާއިރު، 1 ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މީގެއިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.