ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ ސ.ގަމަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓު)ގެ ރިކޯޑުތަކުން ދައްކައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އާންމުކުރި ރިކޯޑުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ 100.5 މިލިމީޓަރުގެ ވާރޭ ވެހުނު ސ. ގަމަށެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދޫއަށެވެ. ތިނަދޫއަށް ވެހިފައި ވަނީ 87.6 މިލިލީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ސ. ހިތަދޫއަށެވެ. އެއީ 80.9 މިލިމީޓަރުގެ ވާރޭއެވެ. އަދި 4 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ޏ. ފުވައްމުލަކަށެވެ. އެއީ 69.0 މިލިމީޓަރުގެ ވާރޭއެވެ. އަދި ފަސްވަނައަށް އެންމެ ގިނަ ވާރޭ ވެހިފައި ވަނީ 62.0 މިލިލީޓަރުގެ ވާރޭ ވެހުނު ގދ. ކާޑެއްދޫއަށެވެ.

މީގެ އިތުރުން އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ 1.8 މިލިމީޓަރުގެ ވާރޭ ވެހުނު އއ. ތޮއްޑޫ އަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހުނު މިންވަރުގެ ރިކޯޑު މެޓު އޮފީހުން އާންމުކޮށްފައި ވާއިރު، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އައްޑޫ ލިންކް ރޯޑުގައި ދަތުރުނުކުރަން ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މިއަދު ހެނދުނުން ފެށިގެން 2:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

އެ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.