ދިވެހި ރާއްޖެއަކީ އިސްލާމީ އުންމަތުގެ ބައެއްކަން ފާހަގަކޮށް ދިވެހިރާއްޖެ މި ގޮތަށް އިސްލާމީ އުންމަތުގެ ބައެއްގެ ގޮތުގައި ދާއިމަށް ދެމިއޮވެވޭނީ ދިވެހި ރާއްޖޭގެ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިއާރު ފާޅު ކުރުމަށްޓަކައި ތަރުބިއްޔަތު ކުރެވިގެން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ކުރިމަގުގެ ޖީލު ކުރިއަށް އޮތް 100 އަހަރު ދިވެހި ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅު ކުރާނެ ހަރުދަނާ ޖީލެއް ބިނާ ކުރުން ކަމަށެވެ. މި ކަމުގައި އިދާރީ ގޮތުން ހުރި ދަތިތައް ހުރަސްކޮށް މިކަމުގައި ކުރިން ކަނޑައެޅިފަި ހުރި ސިޔާސަތުތަކަށް ބަދަލުތަށް ގެނެސް ޒުވާން ހަތީބުންނަށް މި މަސްއޫލިޔަތު އުފުލުމަށްޓަކައި ފުރުސަތު ހުޅުވާލައިފައިވާ ކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ އޭގެ ނަތީޖާއަކަށްވީ އެތައް 100 ދަރިވަރުން މިކަމުގެ ތެރެއަށް އައުން ކަމަށެވެ.
ވަޒީރު ވިދާޅުވީ މަހާސިންތާގައި ބައިވެރިވި ޒުވާން ހަތީބުން އިހްތިޔާރު ކުރީ ވަރަށް ވެސް މާތް މަތިވެރި މަގެއް ކަމަށެވެ. އިހްތިޔާރު ކުރީ ނަބީ ބޭކަލުންގެ މަސްއޫލިއްޔަތުގެ ތެރެއިން ވާރުތަވެފައި އޮތް ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަތީބުން ހަދާން ކޮއްލަން ޖެހޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ހަތީބުން މިއަދު ހާލިސްކޮށްގެން ތިބި ހުތުބާ ކިޔުމުގެ ހުއްދަ ބަލައިގަންނަން ޖެހޭނީ ބިންގާއެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެ މައްޗަށް އިލްމީ ގޮތުން އިތުރު ކުރިއެރުމާއި އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.