ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރުމަށް އާންމު ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ދާއިރާތަކަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ސިލްސިލާގެ ތެރެއިން މިފަހަރު ނަން ނޯޓުކުރުމަށް ހުޅުވާލާފައި ވަނީ ރާއްޖޭގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން 6 ދާއިރާއަކަށެވެ. އެއީ ހއ. ބާރަށް ދާއިރާ، ކ. ކާށިދޫ ދާއިރާ، އއ. މަތިވެރި ދާއިރާ، ގއ. ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން rayyithungeadu.presidency.gov.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ ހޯމަ ދުވަހުގެ ރޭ މެންދަމު 12:00 އެވެ.

އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު އާންމުކޮށްފައިވާއިރު، އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދޭ މީހުންގެ އަދަދަށާއި، މި ބައްދަލުންވުންތަކަށް ކަނޑައެޅިފައިވާ ވަގުތަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އިންތިޒާމުތަކަށް ބަލައިގެން ބައްދަލުންވުންތަކަށް ފުރުސަތު ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވާ ފަރަތްތަކުގެ އަމިއްލަ ވާހަކައާއި، އެ ފަރާތެއް ނިސްބަތްވާ އިދާރާއާ ގުޅުންހުރި ވާހަކައާ މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކިދާނެ ކަމަށާއި، އަދި ރައީސްއާއެކު ބާއްވާ ބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު ހުށަހަޅާފައިވާ މުއާމަލާތް ކުރާ ވަސީލަތް މެދުވެރިކޮށް އަންގާނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ބައްދަލުވުމުގެ ބައިވެރިވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަބިމީހާ ނުވަތަ ފިރިމީހާ، އެ ފަރާތުގެ އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެއެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ކޮންމެ މީހަކަށްވެސް 10 މިނިޓުގެ ވަގުތެއް ދެވޭނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެންމެހައި ބައިވެރީންގެ އަމަލުތައް ބަހައްޓަންވާނީ، އަދަބުވެރިކަމާއެކު ކަމަށް ވަނީ ބަޔާންކޮށްފައެވެ. ބިރު ދެއްކުމާއި، ހުތުރު ބަހުން މުއާމަލާތް ކުރުމާއި، މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް ފުރުސަތު ނުދޭނެކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ 5 އެޕިސޯޑެއް މިހާތަނަށް ވަނީ ބާއްވާފައެވެ.