ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމުގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަތުން ރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ޖީއެސްޓީ ނެގުމަށް ހިމަނާފައިވެއެވެ. މި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މީރާއިން މިހާރު ފަށާފައިވާއިރު، މިކަމާއި ގުޅިގެން މީރާއިން ނެރުނު ސާކިއުލާގައި ޖީއެސްޓީއަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާކަމަށް ބުނެފައިވެއެވެ.
މީރާއިން ނެރުނު ސަރކިއުލަރގައި ބުނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ އެތެރޭގައި ޚިދުމަތް ދޭ ކަމުގައި ބަލާނެ ޚިދުމަތްތަކަކީ، ރާއްޖެއަށް ކުރާ ދަތުރުތަކާއި، ރާއްޖޭގައި ފަތުރުވެރިއަކަށް ހަމަޖައްސާ ކެއުމާއި ބުއިމުގެ ޚިދުމަތުގެ އިތުރުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޚިދުމަތް ކަމަށެވެ. އެހެން ކަމުން މިއިން އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ، ބޭރުގައި ރަޖިސްޓްރީކޮށް މަސައްކަތް ކުރިނަމަވެސް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.
މީރާއިން ބުނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލާއެކު، ރާއްޖެއަށް ކުރާ ދަތުރުތަކާއި، ކެއިންބުއިމާއި އަދި ހުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ބޭރުގެ ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖެއަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ. މީގެ ތެރޭގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި، އޮންލައިން ބުކިންގ ޕްލެޓްފޯމްތަކުގެ އިތުރުން އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައްވެސް ހިމެނެއެވެ.
މި ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހެނީ މީރާގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ޖީއެސްޓީ ޓިން (GST TIN) ހިމެނޭ ރަޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރެވޭނެ ކަމަށްވެސް މީރާއިން މަޢުލޫމާތުދެއެވެ.
މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓަރވާ ބޭރުގެ ފަރާތްތަކަށް ޚާއްސަ އީމޭއިލެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ. އަދި މިއީމެއިލް މެދުވެރިކޮށް މިކަމާއި ގުޅޭ ސުވާލުތަކާއި ކަންބޮޑުވުންތަކަށް މީރާއިން ޖަވާބުދެމުންދާނެ ކަމަށް އެއިދާރައިން ވަނީ ބުނެފައެވެ.