ބަލްގޭރިއާގެ ގަލިވް އެއާއިލައިނުން ރާއްޖެއަށް ނޮވެންބަރު މަހު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ. ގަލިވް އެއާ އަކީ ބަލްގޭރިއާއި ވެރިރަށް ސޯފިއާގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެއަރލައިނެކެވެ.

ގަލިވް އެއާލައިނުން ބުނީ މި ދަތުރުތައް ކުރާނީ ހަފުތާ ބަންދުގެ ތެރޭގައި ކަމަށެވެ. އެގޮތުން ގަލިވް އެއަރއިން ރާއްޖެއާއި ބަލްގޭރިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ޝެޑިއުލްކޮށް ކުރިއަށް ގެންދާ މި ދަތުރުތައް އަންނަ އަހަރުގެ މާރިޗު މަހުގެ 26 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެއާލައިނުން ހާމަކުރެއެވެ. ގަލިވް އެއާ އިން ބުނީ މިދަތުރުތަކަކީ ވިލާތުގެ ފިނިމޫސުމާއި ދިމާކޮށް ކުރާ ދަތުރުތައް ކަމަށާއި މިއީ ރާއްޖެއާއި ބަލްގޭރިއާ ދެމެދު ޝެޑިލް ދަތުރުތަކެއް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

މާލެއާއި ބަލްގޭރިއާގެ ވެރިރަށް ސޯފިއާ ދެމެދު ކޮންމެ ހުކުރު ދުވަހެއްގައި ދަތުރެއް ބާއްވަން ހަމަޖެހިފައި ވާއިރު، ސޯފިއާއިން މާލެއަށް ހޮނިހިރު ދުވަހު ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގަލިވް އެއަރއިން ބުނީ މި ދަތުރުތައް ހަމަޖައްސާފައި ވަނީ ރަސްމީ ދަތުރުތަކާއި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށެވެ.

ގަލިވް އެއާ ގެ ދަތުރުތަކުގައި ބޭނުން ކުރާނީ ވައިޑް ބޮޑީ ބޯޓެއް ކަމަށްވާ، އެއަރބަސް އޭ-330-200 މަރުކާގެ ބޯޓެކެވެ. އަދި މި ދަތުރުގައި ކޮންމެ ފަސިންޖަރަކަށްވެސް ކެއުމާއި ބުއިން ލިބޭނެ ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އެއަރލައިންތަކުން އިތުރުކުރަމުން އަންނައިރު އައު އެއަރލައިންތަކުގެ ދަތުރުތައްވެސް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.