އިޓާލިއަން ސީރީއާގައި އޭސީ މިލާން އާއި ލާޒިއޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މި މެޗުން ދެ ޓީމަށް ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުނީ، ލާޒިއޯއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މިލާނުން ދެވަނަ ހާފުގައި ފަހަތުން އަރައި އެއްވަރުކުރުމުންނެވެ.
ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ލާޒިއޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ މަޓޭއޯ ކަންޗެލިއެރީ އެވެ. އަދި 39 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޓިއާނީ ނޮސްލިން އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ކުޅޭ މިލާނުން އެއްވަރުކުރީ ބަދަލަކަށް ކުޅެން އެރި ޑިއޭގޯ މޮރީރާ ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. އެގޮތުން އޭނާ މި ދެ ލަނޑު ޖެހީ 65 އަދި 67 ވަނަ މިނެޓުގައެވެ.
މި ނަތީޖާއާއެކު ވެސް، ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ ލާޒިއޯއެވެ. ނަމަވެސް އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ރޯމާ އާއި އިންޓަ މިލާނަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކު އޭސީ މިލާން އޮތީ ފަސް ވަނައިގައެވެ.
އިޓާލިއަން ލީގުގައި ނަޕޯލީން މިރޭ ބޮލޯނިޔާއާ ބައްދަލުކުރާއިރު، ޔުވެންޓަސް ނުކުންނާނީ ސަސުއޯލޯއާ ދެކޮޅަށެވެ.