ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން, އެ މަސައްކަތުގެ ކޮންޓްރެކްޓަރު އައްރާޖިޙީ ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިހީއެވެ.

އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ގުޅޭ މުނާސަބަތާއި ގުޅުވައި މިއަދު ހަވީރުއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ އެ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.

ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ އެ ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ. އަދި އެ ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް އެ މިސްކިތުގައި ޤާއިމްކުރާނެއެވެ.

މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި މުހިއްމު ބިނާއަކަށްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.