ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ރޭ ފަސޭހަކަމާއެކު ރަޔޯ ވަޔެކާނޯ ބަލިކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑު، ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ އަލްވާރޯ ކަރެރާސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން ކަރެރާސް ވަނީ ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމްއެވެ.

ދެވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ވަޔެކާނޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސާޖިއޯ ކަމޭޔޯ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާދާ ގުލާ ދިން ބޯޅައަކަުން ރެއާލްގެ ފަހު ލަނޑު ޖެހީ އެމްބާޕޭ އެވެ.

މި މޮޅާއެކު ރެއާލުން ލީގުގެ ދެވަނައިގައި އޮތީ ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ބާސެލޯނާއިން ވަނީ ހަތަރު މެޗުން އެ އަދަދަށް ޕޮއިންޓް ހޯދާފައެވެ.

ސްޕެނިޝް ލީގުގައި، ރާއްޖެ ގަޑިން މިރޭ 19:15 ގައި ޗެމްޕިއަން ބާސާއިން ލެވަންތޭއާ ބައްދަލުކުރާނެ އެވެ. އަދި އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސީޑާޑް ވާދަކުރާ މެޗު ފަށާނީ ދަންވަރު 00:00 ގައެވެ.