ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސްއިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރި އިރު، ދިއްދޫ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފިއެވެ.

އީގަލްސްއަށް މޮޅެއް، ދިއްދޫއިން ބުރު ބަލިކޮށްފި
އީގަލްސްއަށް މޮޅެއް، ދިއްދޫއިން ބުރު ބަލިކޮށްފި

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު އަތުން އީގަލްސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އީގަލްސްއިންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މިސްރަށް ނިސްބަތްވާ އެލް ސެޑެކް މުހައްމަދު އެވެ. އީގަލްސްއިން ލީޑު ފުޅާކުރީ 35 ވަނަ މިނެޓުގައި ޒައިން ޒަފަރު ޖަހައިދިން ލަނޑުންނެވެ.

ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ބިސް ބުރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ޒިދާން އީސާ އެވެ. އަދި މެޗުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން އީގަލްސްގެ ތިންވަނަ ލަނޑު ޖެހީ އިސްމާއީލް އީސާ (މެސީ) އެވެ.

ލީގުގައި އަލަށް ވާދަކުރާ ދިއްދޫއިން ރޭ ބުރު ބަލިކުރީ 1-0 އިންނެވެ.

ދިއްދޫ އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ދިއްދޫގެ ބިދޭސީ ފޯވާޑް ޓިޓޭ ގިޑެއޯން އެވެ. މިއީ މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހަފުގައި ކުޅުން ރަނގަޅުކޮށް ބުރުން ގިނަ އެޓޭކްތަކެއް އުފައްދާފައިވެއެވެ. ނަމަވެސް އެ ޓީމަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބެނުމެއް ނުހިފުނެވެ.

މެޗުގެ ފަހުކޮޅު ދިއްދޫގެ ހުސައިން ޒިމްޔާނަށް ކުރި ފައުލަކަށް ބުރުގެ ޝަމްވީލް މުހައްމަދަށް ވަނީ ރަތް ކާޑު ދައްކާފައެވެ.