ވަޤުފުގެ ސަބަބުން އިގްތިސާދީ ހަރުދަނާ ބިންގަލެއް އެޅޭ ކަމަށާއި، އޭގެ ސަބަބުން ފަރުދީ، އިޖުތިމާއީ މަންފާގެ ބިނާތައް އާރާސްތުވެގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އުފައްދަވާފައެވެ.

އެކަމަށް އިޝާރަތްކުރައްވާ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ވަޤުފަކީ އިސްލާމް ޝަރިއަތުގައި ވަރަށް ޚާއްސަ މަފުހޫމެއްކަން ފާހަގަކުރައްވާފައެވެ. ފުންކޮށް ވިސްނާލާއިރު ވަޤުފަކީ އިންސާނީ މަންފާއާއި ގުޅޭ އެތައް ފަށަލަތަކެއް ލާމެހިފައިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ފަރުދީ، އިޖުތިމާއީ މަންފާގެ ބިނާތައް އާރާސްތުވެގެންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމް ދީނުގައި އޮންނަ ޒަކާތުގެ އުސޫލާއި ވަޤުފުގެ ނިޒާމާމެދު ވިސްނަންޖެހޭކަމަށާއި އިސްލާމް ދީނަކީ އިންސާނިއްޔަތަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނި ލާމެހިފައިވާ ކުޑަވެސް އުނިކަމެއް ނެތް ފުރިހަމަ ސާބިތު ދީނެއް ކަމަށެވެ.

"އިސްލާމީ ތާރީހަށް ބަލާއިރު ވަގުފުގެ ނިޒާމުގެ ތެރެއިން އެކި ދާއިރާތަކަށް މީހުން ބިނާކުރެވި ފެންވަރު މަތިކުރެވިފައިވޭ.ފިކުރީ ޢިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާ ކުރެވިފައިވޭ. ލައިބްރަރީތަކާ އިސްލާމީ މަރުކަޒުތަކާ އަދި އެ ނޫންވެސް އިސްާމީ އުންމަތުގެ އެންމެހާ ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުސަތުތައް ވަގުފުގެ ތެރެއިން އުފައްދާ އޭގެ މަންފާ އުންމަތައް ފޯރުވައިދީފައިވޭ..ރާއްޖެއަށް ބަލާއިރު ދީނީ ކަންކަމަށް ބޮޑެތި ހޭދަތައް ކުަރަން އަޅުގަނޑު ބޭނުން. އެކިއެކި ސަރަހައްދުތަކުގައި ޒަމާނީ މިސްކިަތްތައް ބިނާކުރަން އަޅުގަނޑު ބޭނުން..އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރަން އަޅުގަނޑު ބޭނުން. އިސްލާމްދީނުގެ މި ޚާއްސަ މަފްހޫމުގެ ތެރެއިން އިޖުތިމާއީ، ގައުމީ މިކުރިއެރުންތައް ރާއްޖެއިން ދެކެން ބޭނުން. ސަބަބަކީ ވަޤުފުގެ މުއާމަލާތުގައި ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބުން އެބަހިމެނޭ. ފަރުދީ ހިތްހަމަޖެހުމާއި އުފާވެރިކަން އެބަހިމެނޭ. ޤައުމީ އުމްރާނީ ކުރިއެރުމާއި ބިނާވެށީގެ ތަރައްގީ އެބަހިމެނޭ. އޭގެ ސަބަބުން ދީނީ ރޫހު އިތުރުވެ ރޫހާނީ އުންމީދީ އަލިވުލުމަކަށް ދީނުގެ މި ނިޒާމުގެ ތެރެއިން އެތައްބަޔަކަށް އެބަ ވާސިލުވެވޭ."

ރައީސް ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލާއިރު، ވަޤުފުގެ ނިޒާމުގެ ތެރެއިން އެކި ދާއިރާތަކަށް މީހުން ބިނާކުރެވި އިޖުތިމާޢީ ފެންވަރު މަތިކުރެވިފައިވާކަމަށާއި ފިކުރީ ޢިލްމީ ސިކުނޑިތައް އުފެއްދިފައިވާ ކަމަށާއި ވަސީލަތުގެ ގޮތުން މިސްކިތްތަކާއި ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތައް ބިނާ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އިސްލާމީ މުޖުތަމަޢުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުޞަތުތައް ވަޤުފުގެ ތެރެއިން އުފައްދައި އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކުންފުންޏަކީ ދީނީ ކަންކަމަށް ހޭދަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވައި، މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް ކަމަށާއި، ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ކުންފުނިވެގެންދާނީ 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.