ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިންއަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟާއި މަދީނާ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އީސްޓް-ވެސްޓް ޕައިޕްލައިންއަށް އަމާޒުކޮށް އިރާގު ސަރަހައްދުން އައި ޑްރޯންތަކެއް ބޭނުންކޮށް ވަނީ ހަމަލާދީފައެވެ. އެހަމަލާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އެކަމުގެ ސަބަބުން އާންމުންނަށް އަނިޔާވެ، ޕައިޕްލައިނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޢުމްރާނީ ވަސީލަތްތަކަށް ދިން ޙަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ސަރަޙައްދީ މިނިވަންކަން ކަނޑައެޅިގެން ނިގުޅައިގަނެ، ސަރަޙައްދީ އަމަން އަމާންކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިސްތިޤްލާލާއި، ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެކަމުގެ ޔަގީންކަން ޚާރިޖީ ވުޒާރާއިން ވަނީ ދީފައެވެ.