އިސްލާމް ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ. އަދި ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެންނާއި އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގަައި ޖިހާދުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖުރީގޮތުން މި ވޭތުވި 9 ގަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީންކަން ރައީސް ވަނި ފާހަގަކުރައްވާފައެވެ.
ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަރިސްކުރަށްވައި މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދި ރައީސް ވަނީ ހެޔޮ ދުޢާ ދަންނަވާފައެވެ.