މުއްސަސާތަކަށް ނޭނގި ބޮޑު ދެބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓެއް ވަނީ ބްރިޖަށް އުރިފައެވެ. މި ހާދިސާއާއި ބެހޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ އާޒިމް ވަނީ އަގުބޮޑު ޑްރޯންތަކާއި، ކަނޑުގެ މަނަވަރުތަކާއި، އެތައް މިލިޔަން ޑޮލަރު ހޭދަކޮށްގެން ގަންނަ ހަތިޔާރުތަކުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގެ ކަމާބެހޭ މުއްސަސާއައް ނޭގި ބޮޑު ދެބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެގެން، މާލެސިޓީގެ ކައިރީގައި ބަދަރުކޮށްފަ އޮންނަތާ މިހާރު އެތަކެއް ދުވަސްވެއްޖެ ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ. އަދި މިކަންބަލާ ހިގާދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްދޭންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގައުމު ފޭލްވެ، މިވަރަށް ނިކަމެތިވެފައި މިވަނީ، މިހާ ފަރުވާކުޑަ މީހުންނަށް ގައުމު ހަވާލުކޮށްފައިވާތީ ކަމަށެވެ.
މިއީ މިދިޔަ އޭޕްރީލްގައި ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ދެ ބޯޓެވެ. އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުނީ ވެސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް އޭރު ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާ ސަރުކާރުގެ އެހީގައި އެޅި ބްރިޖަށް ދެ ބޯޓު އުރުނު ހާދިސާގައި ބްރިޖުގެ މައިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަގީންކަން، އިންސްޕެކްޝަންތަކާ ހަވާލާދީ، ސަރުކާރުންނާއި ޗައިނާ އެމްބަސީން ވަނީ ދީފަ އެވެ.