މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ 70ގެއަށް ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ އަށް މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މީގެ އިތުރުން ސ. މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވެއެވެ.

އެ އޮތޯރިޓީން ބުނީ، އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން ދާ ކަމަށެވެ. އެ ގޮތުން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ މި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގަ އާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރެއެވެ.