ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްވެސް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެވެ.
މިހާރު ކުރިއަށްދާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލު އަންނަ އިރު މިކަމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އެކި ކަންކަމުގައި އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.
އެހެންކަމުން މި ކޮންފަރެންސްގެ މަގްސަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމުގައި ފާހަގަކުރައްވައި، ޓީޗަރުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.
މީގެ އިތުރުން މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ދައިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން މީގެ ކުރިން ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށް ފަހު މަތީ ސާނަވީ ތައުލީމަށް ދާ ދަރިވަރުންގެ އަދަދު، ކުރީގައި ހުރި 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޓީޗަރުން މުޖްތަމައުގެ ތެރޭގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ގޮވާލައްވަމުންނެވެ.