ތަޢުލީމީ ދާއިރާގެ ތަޖުރިބާތައް ހިއްސާކޮށް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް (އައިޓީސީ) މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފެވެ.
މިއީ ތަޢުލީމީ ދާއިރާގެ އެކި ދިރާސާތަކާއި އައު އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ސިލްސިލާކޮށް ރާއްޖޭގައި ބާއްވަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސް ތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިދެއެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ހުށަހަޅާ 70 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްދާނެއެވެ. މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މައުޟޫއުތަކުގެ ތެރޭގައި އެންމެން ޝާމިލުކޮށްގެން ކިޔަވައިދިނުން (އިންކްލޫސިވް އެޑިއުކޭޝަން)، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް ޕެޑަގޮޖީގެ އިތުރުން ދިވެހި ބަހާއި އިސްލާމް ދީނުގެ މުހިންމު މައުޟޫއުތައް ހިމެނެއެވެ.
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.