ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ބެލާވިއާ އެއަރ ގުޅިގެން، ރާއްޖެއާއި ބެލަރޫސްއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ކުރިން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން "މޯލްޑިވްސް-ބެލަރޫސް ކަނެކްޓިވިޓީ" ވެބިނާ، މިމަހުގެ 10 ވަނަ ދުވަހު ބާއްވައިފިއެވެ.
މި ވެބިނާއަކީ ބެލަރޫސްގެ ފަތުރުވެރިކަމުގެ ބާޒާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށާއި، 2026 ޑިސެމްބަރުގައި ބެލާވިއާ އެއަރއިން ފެށުމަށް ހަމަޖެހިފައިވާ ސީދާ ދަތުރުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެޝަންގައި ބެލަރޫސްގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް، ދަތުރުފަތުރުގެ އިންތިޒާމުތަކާ ބެހޭ މަޢުލޫމާތާއި، ރާއްޖޭގައި ހުރި ފަތުރުވެރިކަމުގެ ތަފާތު ވަޞީލަތްތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ވެބިނާރ ކުރިއަށް ގެންގޮސްފައިވަނީ ބެލާވިއާ އެއަރ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (އެމްއޯޓީސީއޭ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެންނެވެ. މި ސެޝަންގައި ބެލަރޫސްގެ 100 ޓްރެވަލް ޓްރޭޑް ބައިވެރިންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 06 ފަރާތެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓަކާއި، ޑީއެމްސީއެއްގެ އިތުރުން ގެސްޓްހައުސްއެކެވެ. މި ސެޝަންގައި ބައިވެރިވި ފަރާތްތަކުން ވަނީ އެޕްރޮޑަކްޓްތަކުން ލިބެންހުރި ޚިދުމަތްތަކާއި، ތަޖުރިބާތައް ބެލަރޫސްގެ ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނަށް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ބެލާވިއާ އެއަރއިން ވަނީ ކުރިއަށް އޮތް ބެލަރޫސް-މޯލްޑިވްސް ސީދާ ދަތުރުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ބެލަރުސްގެ ފަތުރުވެރިންގެ އާދަކާދަތަކާއި، މިހާރު ދަތުރުފަތުރުގެ އިންތިޒާމުތައް ހުރިގޮތާއި، އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.
ވެބިނާ ނިންމާލާފައިވަނީ ބެލާވިއާ އެއަރއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބައިވެރިން އަދި ބެލަރޫސްގެ ޓްރެވަލް ޓްރޭޑް މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ސުވާލާއި ޖަވާބުގެ ސެޝަނަކުންނެވެ. ރާއްޖޭގެ ތަފާތު ފަތުރުވެރިކަމުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޓޫރިޒަމާއި، އެފޯޑަބަލް ލަގްޒަރީ ހިދުމަތްތަކުގެ އިތުރުން، މަންޒިލާ ގުޅޭ ޢާންމު މަޢުލޫމާތާއި، ބައިނަލްއަޤްވާމީ އަދި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ފަތުރުވެރިންނާއި ގުޅުންހުރި ޓެކްސް ފަދަ މުހިންމު މަޢުޟޫޢުތަކަށް އަލިއަޅުވާލާފައިވެއެވެ. މީގެއިތުރުން، ސީދާ ދަތުރުތައް ފެށުމުގެ ކުރިން، ފަތުރުވެރިން އެންމެ އިސްކަންދޭ ކަންކަމާއި، ރާއްޖެއާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖެއަށް އޮތް ޑިމާންޑް އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މި މަޝްވަރާގައި ވަނީ އަލި އަޅުވާލާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނެފައިވަނީ ބެލަރޫސްއަކީ ރާއްޖެއަށް ކުރިއަރަމުން އަންނަ މުހިންމު ބާޒާރެކެވެ. އެގޮތުން 2025 ވަނަ އަހަރު ބެލަރުސްއިން 7,443 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީއިން ޖޫން މަހުގެ ނިޔަލަށް 3,257 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ 0.4 އިންސައްތައެވެ. ފާއިތުވި އަހަރުތަކުގައި އެ ޤައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މެދުނުކެނޑި އިތުރުވެފައެވެ.
ބެލަރޫސްއިން އަހަރަކު 736,400 އަށްވުރެ ގިނަ މީހުން ޤައުމުން ބޭރަށް ދަތުރުކުރާއިރު، އެންމެ ގިނައިން މީހުން ދަތުރުކުރާ ޤައުމުތަކުގެ ތެރޭގައި ތުރުކީ، މިޞްރު، އިޓަލީ، ޖޯޖިއާ އަދި ޔޫ.އޭ.އީ ހިމެނެއެވެ. އެ ޤައުމުގެ މީހުން އެންމެ ގިނައިން ދަތުރުކުރަނީ އަހަރުގެ ފަހު ކުއާޓަރާއި (އޮކްޓޯބަރ-ޑިސެމްބަރ) ފުރަތަމަ ކުއާޓަރުގައެވެ (ޖެނުއަރީ -މާޗް). މިހާރު އެ ޤައުމުން ރާއްޖެއަށް ދަތުރުކުރެވެނީ އެއިރޯފްލޮޓް، އެމިރޭޓްސް، ޤަޠަރު އެއަރވޭޒް، ޓާކިޝް އެއަރލައިންސް އަދި އެއަރ އަސްތާނާ މެދުވެރިކޮށެވެ.
2026 ޑިސެމްބަރުގައި ބެލާވިއާ އެއަރގެ ސީދާ ދަތުރުތައް ފެށުމާއެކު، ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ބޮޑު ލުޔެއް ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބެލަރޫސް މާކެޓުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މި ވެބިނާއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބާޒާރުތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.