ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އިތުރުވުމަކީ ޕާޓީއަށް ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ އެކި މަޤާމުތަކަށް މިހާތަނަށް 120 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޕީއެންސީގެ ސެނެޓުގެ އާންމުކޮށް ހުޅުވާލެވިފައިވާ 18 ގޮނޑިއަށް 73 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ނައިބު ރައީސް ކަމަށް ހުޅުވާލާފައިވާ 6 ގޮނޑިއަށް 11 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އަދި އަންހެނުންނަށް ހާއްސަ 10 ގޮނޑިއަށް 23 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޒުވާނުންނަށް ހާއްސަ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ މި އަދަދުތަކަކީ ޕާޓީގެ ތެރޭގައި އޮތް ޑިމޮކްރެޓިކް ނިޒާމުގެ ވަރުގަދަކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ޕީއެންސީ ހިންގަމުންދަނީ އާންމު މެންބަރުންގެ އުއްމީދުތަކާ އެއްގޮތަށް ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީއަކީ ރާއްޖޭގައި މި ވަގުތު އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ޕާޓީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 67،000 އަށް ވުރެ ގިނަ މެންބަރުން ވަނީ ރަޖިސްޓްރީ ވެފައެވެ.