އެސްޑީޖީސް ގްލޯބަލް ލީޑަރ ޕްރޮގްރާމް 2027' ގެ ދަށުން ޖަޕާނުގައި މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ސްކޮލަރޝިޕް ފުރުޞަތުތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
އެސްޑީޖީސް ގްލޯބަލް ލީޑަރ ޕްރޮގްރާމުގެ ދަށުން ދެ އަހަރު ދުވަހުގެ ދެ މާސްޓަރސް ޑިގްރީ ފުރުޞަތާއި، ތިން އަހަރު ދުވަހުގެ ދެ ޕީއެޗްޑީ ފުރުޞަތު ހިމެނޭހެން ޖުމްލަ ހަތަރު ޖާގަ ހަމަޖެހިފައިވެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މާސްޓަރސް އަށް އެދޭނަމަ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 1 އެޕްރިލް 2027 އަށް 35 އަހަރު ފުރިފައި ނުވުން ހިމެނިފައިވާއިރު، ޕީއެޗްޑީ އަށް އެދޭ ފަރާތްތަކަކީ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ، 1 އެޕްރިލް 2027 އަށް 40 އަހަރު ނުފުރޭ ފަރާތްތަކަށް ވާންޖެހެއެވެ.
މީގެއިތުރުން، ސިވިލް ސަރވިސްގެ މުވައްޒަފަކަށް ނުވަތަ އެކަޑެމިކް ރިސާޗަރަކަށް ވުމާއި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތަކަށް ވުން ހިމެނެއެެ. މީގެ އިތުރުން ޓޯފަލްއިން މަދުވެގެން 570 ނުވަތަ އައިއެލްޓީއެސް އިން މަދުވެގެން 6.0 ލިބިފައިވާން ޖެހެއެވެ.
މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ހަތަރު ކެންޑިޑޭޓުން ނޮމިނޭޓްކުރި ނަމަވެސް، ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ޖައިކާ ފަރާތުންނެވެ. މި ސްކޮލަރޝިޕަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 އެވެ.