ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއް ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އިންޖިނޭރުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ އިންޖިނޭރުންނަކީ މި ޤައުމު ބިނާކުރުމަށް ބުރަ މަސައްކަތްކުރާ ފަހުލަވާނުން ކަމަށާއި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދާގެ ފުރަގަހުގައި އެ ފަރާތްތަކުން ކުރާ މަސައްކަތް ބަލައިގަތުން ކަމަށެވެ. އެހެންކަމުން އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމާއި، އިންޖިނިއަރުންނަށް ޚާއްސަ އެވޯޑެއް ދިނުމުގެ މަޤްސަދަކީ އިންޖިނިއަރުންގެ އަގުވަޒަންކުރުން ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކަކީ ބިންތިރި، މުރަކައިގެ ރަށްތަކެއް ކަމަށްވުމާއެކު ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަންޖެހެނީ ރާއްޖޭގެ މާހައުލާއި އެކަށީގެންވާގޮތަށް ބައްޓަންކޮށްގެން ކަމަށާ އެ މަސައްކަތްތައް ފަރުމާކުރުމުގައި ދިވެހި އިންޖިނޭރުން އަދާކޮށްފައިވާ ފުރިހަމަ ދައުރު މިނިސްޓަރު މުއްޠަލިބު ވަނީ ފާހަގަކުރައްވާ ފައެވެ.

"ކޮންމެ ބަނދަރަކާ، ކޮންމެ އެއަރޕޯޓަކާ،ކޮންމެ ކޯޒްވޭއަކާ ފެނާ ނަރުދަމާގެ ކޮންމެ ނިޒާމަކާ ހިއްކާ ކޮންމެ ބިމަކީ ދިވެހިރާއްޖޭގެ މާހައުލަށް އެކަށީގެންވާ ގޮތަށް ހޯދިފައިވާ ހައްލުތަކެއް.މި މަސައްކަތްތަކުގައި ދިވެހި އިންޖިނޭރުންގެ ރޯލު ނެތް ކަމަށާއި ބޭރުގެ އެކްސްޕަޓީސް އިން ކޮށްފައިވާކަންކަން ކަމަށްބުނެ ހުނަރުވެރިންގެ އަގުވަޒަން ކުރަން ނޭނގޭ ބަޔަކު ވާހަކަ ދެއްކިޔަސް ދިވެހި އިންޖިނޭރުންނަކީ މި ގައުމަށް އަންނަ ބޭރުގެ ފަރާތްތަކުންވެސް ގަދަރު ކުރާ ހުނަރުވެރި ބައެއް."

މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު

ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަން ފާހަގަކޮށް އެ ބޭފުޅުންނަށް ގަދަރުކުރާ ކަމަށާއި ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ، ހުނަރުވެރި ބައެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދިވެހި އިންޖިނޭރުންގެ ކުޅަދާނަކަމަކީ ގާތުން ބެލި ކޮންމެ މީހަކަށްވެސް ފާހަގަވާނެ ކަމެއް ކަމަށާއި އެއީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަދު ވަސީލަތްތަކަކާއެކު ރާއްޖެ ކުރިއަށް ގެންގޮސް، ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންޖިނޭރުންގެ ދައުރު ބޮޑުކަމަށް ފާހަގަކުރައްވާ ދިވެހިންގެ ފުރަތަމަ އެއަރޕޯޓު ތަަރައްގީކުރިގޮތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ދުވަހު އެއަރޕޯޓު ދިވެހިން ނޭޅިނަމަ ފަތުރުވެރިކަމާއެކު ދިވެހިންނަށް ލިބުނު ތަަރައްގީ މިހާއަވަހަށް ނުލިބުނީސް ކަމަށެވެ.

އިންޖިނޭރުން ޤައުމަށް ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.