ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ. އެ ހުއްދަ ދީފައިވަނީ ސ. ފޭދޫ، ކަންމަތީގެ/ ޢާއިޝަތު ޝީނާއަށެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުޙަބާ ވިދާޅުވެ، ޝީނާއަށް ރަސްމީ ޓުއަރ ގައިޑް ފާސް ހަވާލުކޮށްދެއްވާފައެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓުއަރ ހަދައިދިނުމުގައި ރާއްޖެއާއި ބެހޭގޮތުންނާ އަދި އެ ޒިޔާރަތްކުރާ ރަށަކާބެހޭ ގޮތުން ޢާންމު މައުލޫމާތާއި ޚިދުމަތްތަކާބެހޭ މަޢުލޫމާތު ދިނުމަށް ޓުއަރގައިޑުންނަކީ މުހިންމު ރޯލެއް އަދާކުރާ ފަރާތްތަކެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އިޤްތިޞާދީ ގޮތުންނާއި ފަންނީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިފަދަ ދާއިރާތަކުން ދިވެހި އަންހެނުން ކުރިއަރައިގެން ދިއުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށެވެ.