ބޯހިޔާވަހިކަމާ ގުޅޭ ދުވަސްވީ މައްސަލަތަކުގައި މީގެ ފަހުން އަމަލުކުރާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އިން އަންގާ ގޮތެއްގެ މަތިން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ވިއްކަން ނިންމާފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެކަމުގައި ހައުސިން މިނިސްޓްރީއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ. ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކާލަން ނިންމި މައްސަލަ ފެންމަތިވުމުން ހައުސިން މިނިސްޓްރީން މި މަހުގެ 9 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުޑައަގެއްގައި ބިން ވިއްކާލަން ނިންމި ޒާހިރަކީ 2003 ވަނަ އަހަރު ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000ރ. އަށް ވިއްކަން އޭރުގެ ސަރުކާރުން ނިންމާފައިވާ މީހެއްކަން ލިޔުންތަކުން ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް އެ ބިން މިހާތަނަށް އޭނާއާ ހަވާލު ނުކޮށް އޮތުމުން އެކަމަށް ހައްލެއް ހޯދަން އޭނާގެ ފަރާތުން ސަރުކާރުގައި ތަކުރާރުކޮށް އެދެމުންދިޔަ ކަމަށް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން 23 އަހަރުވީ އެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އޭރު ބިން ވިއްކަން އެއްބަސްވި އަގުތަކާ އެއްގޮތަށް އޭނާއަށް ހުޅުމާލެއިން ބިމެއް ވިއްކަން ސަރުކާރުން ނިންމީ ކަމަށް ބުނެފައިވެއެވެ.
އަދި ވިއްކަން ނިންމި ބިމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ބިމެއްގެ އެއްބަސްވުން ބާތިލްކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.