ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ފާއިތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 589 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެޗްއާރްސީއެމް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 589 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާއިރު، އިބްތިދާއީ މަރުހަލާގައި ތަހުގީގުކުރުމަށް ނިންމަވާފައި ވަނީ 284 ޝަކުވާއެވެ. އަދި 305 ޝަކުވާއެއް ތަހުގީގު ނުކުރުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އެޗްއާރުސީއެމުން ބުނީ އިބްތިދާޢީ މަރުހަލާގައި ތަހުގީގުނުކުރުމަށް ނިންމާފައިވާ ޝަކުވާތަކުގެ ތެރެއިން ގިނަ ޝަކުވާތަކަކީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭ އަދި ފުރަތަމަ މަރުޙަލާގައި ގުޅުންހުރި އިދާރާތަކަށް ހުށަހަޅަންޖެހޭ ޝަކުވާތައް ކަމަށާއި އެ ޝަކުވާތައް ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށާއި، ގުޅުންހުރި އިދާރާތަކަށް ހުށަހަޅައި އެ ޝަކުވާ ބެލުމުގައި ލަސްވާނަމަ ނުވަތަ އެ ޝަކުވާއާ ގުޅިގެން ގުޅުންހުރި އިދާރާއަކުން ޢަމަލުކުރިގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ޝަކުވާ އަލުން ހުށަހެޅުމަށް ލަފާދީފައިވާ ކަމަށެވެ.

އެޗްއާރްސީއެމްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތެރޭގައި ކުރީ އަހަރުތަކުގައި ހުށަހަޅާފައިވާ 199 މައްސަލަ ހިމެނޭހެން 297 މައްސަލަ ވަނީ ތަހުގީގުކުރުމަށްފަހު ފައިލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުލައި މަހު ނިންމި 61 މައްސަލަ އަދި އޯގަސްޓް މަހުގެ ތެރޭގައި ނިންމި 48 މައްސަލައެވެ. މީގެ އިތުރުން އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް އަވަސް މިނެއްގައި ހައްލު ހޯދައިދެވިފައިވާ ކަމަށާއި މި އަހަރު ބަލަން ނިންމި މައްސަލަތަކުގެ 72 އިންސައްތަ މައްސަލަ 90 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މި އަހަރު ހުށަހެޅި މައްސަލަތައް 70 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މި އަހަރު އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ 188 ޝަކުވާގެ މަސައްކަތެވެ. ނަމަވެސް ކުރީގެ އަހަރުތަކުން ވާރުތަވެފައިވާ 415 މައްސަލައެއްގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ ތެރޭގައި 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ 102 މައްސަލައެއް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރުސީއެމުން ބުނީ މިއަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޞިއްޙީ ދާއިރާއާ ގުޅުންހުރި ޝަކުވާތައް ކަމަށާއި އެ ދާއިރާއިން 104 ޝަކުވާއެއް ހުށަހަޅާފައިވާއިރު ފުލުހުން އަނިޔާކުރާ ކަމަށްބުނެ ހުށަހަޅާފައިވާ 23 މައްސަލައަކާއި ބަންދުގައި ތިބޭ މީހުންގެ ޙައްގުތަކާ ގުޅުންހުރި 21 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމިޝަނުން ތަހުގީގު ކުރަން ނިންމި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ބަންދުގައި ތިބި މީހުންގެ ޞިއްޙަތާ ގުޅުންހުރި މައްސަލަތައް ކަމަށާއި، އެންމެ ގިނައީ ކަމާގުޅުންހުރި ޚާއްޞަ ޑޮކްޓަރަކަށް ނުދެއްކުމާއި ޑޮކްޓަރުގެ ލަފަޔާއެއްގޮތަށް ފަރުވާ ނުލިބުމާއި ޢާންމު ޞިއްޙަތަށް ފަރުވާ ކުޑަވުންފަދަ މައްސަލަތައްކަމަށް އެ ކޮމިޝަނުން ބުނެއެވެ.