ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޤާނޫނާއި ޚިލާފު، ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ގާނޫނާ ހިލާފަށް، ސާބިތު ނުހިފޭ ވާހަކަ ދައްކަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ. މިފަދައިން ފާޑުކިޔުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާ އާ ހިލާފު، އަދި ސިޔާސީ ސުލޫކީ މިންގަނޑާ މުޅިން ހިލާފު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގާނޫނުއަސާސީން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު ކަމަށް އިލެކްޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނުގެ 7 ވަނަ މާއްދާގައި މަނާކޮށްފައިވާ ކަންކަމުން ދުރުހެލިވެ، ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވެފައިވެ އެވެ.
އިލެކްޝަނުން އެކަމަށް ނަސޭހަތްތެރިވެ ނޫސްބަޔާނެއް ނެރެފައިމިވަނީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، 12 ޑިސެމްބަރު 2024 ގައި ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި އަލިފާން ރޯވީ ގަސްތުގައި ބަޔަކު ކުރި ކަމަކުން ކަމަށާއި، އެކަން ކުރި ފަރާތާއި އެކަމުގެ ހެކި ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ފުލުހުންގެ ތަހުގީގަކަށް މައުލޫމާތުދިނުމަށް ހާޒިރުވާން އެންގުމުން ރައީސް ޔާމީން ފަހުން ވިދާޅުވެފައިވަނީ، ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.