މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރި ގެއެއްގެ ވެރިފަރާތަކަށް ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ގ. ޕެލިކަންގޭ އިބްރާހިމް ނާޒިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގެއެއްގައި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރާކަން ގަބޫލުކުރެވޭ ހާލަތުގައި، އެތަނެއްގެ ވެރިފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ދައުވާ އެވެ.
މި މައްސަލައަކީ އަމްޖަދު ރިގާބް އާއި މުހައްމައު ނާއިފް އިތުރު ބަޔަކާއެކު ގ. ޕެލިކަން ގޭގައި މަސްތުވާތަކެތި ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާކަަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ 19:30 އެހާކަންހައިރު ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރުމަށް އެގެއަށް ގޮސް އެ ގޭގެ ބޭރު ގޭޓް ހުޅުވުމަށް ބުނުމުން ގޭޓް ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ ގެއަށް ވަދެ ހިންގި އޮޕަރޭޝަނާ ގުޅޭ މައްސަލައެކެވެ.
މި އޮޕަރޭޝަންގައި ފުލުހުން އެ ގެއަށް ވަންއިރު އެ ގޭގެ ގްރައުންޑް ފްލޯގައި އަމްޖަދު ރިގާބް އާއި މުހައްމަދު ނާއިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުންގެ ހާޒިރުގައި ގެ ބަލައި ފާސްކުރިއިރު އެކި ތަންތަނުގައި އެކި އަދަދުގެ ކެނަބިސް ފެނިފައިވެއެވެ. އެގެއަކީ އެގެއިން މަސްތުވާތަކެތި ގަންނަން ލިބޭ ކަމަށާއި މި ގޭގައި މައްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ތަފާތު އެކި ފަހަރުމަތިން ފުލުހުން ގޮސް މީހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައިވާ ގެއެކެވެ.
ހުކުމުގައިވާ ގޮތުން އެ ތަން ކުއްޔަށް ދީފައިވަނީ އެހެން ބަޔަކަށް ކަމަށް ވިޔަސް، ކުށުގެ އަމަލުތައް ހިންގާކަން ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އެންގުމުން ވެސް ކުލީގެ އެއްބަސްވުން އޭނާ ދަމަހައްޓާފައިވާތީ އެ ކުށުގެ އަމަލު ހިންގުމަށް އޭނާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހެ އެވެ. އެހެންވެ، އޭނާ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެކަން އޭނާ ހުއްދަ ކުރިކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އެ ސަބަބުތަކަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ
މި ދައުވާއަށް ޖަވާބުދާރީވަމުން ނާޒިމް ބުނެފައިވަނީ އެ ތަނަކީ އަމްޖަދު އާއި އިތުރު ކުއްޖަކަށް ކުއްޔަށް ދީފައިވާ ތަނެއް ކަަމަށެވެ. އަދި އެތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ހުއްދަ ދީފައިވާނެ ކަމަށާއި އޭނާ ހުއްޓައި އެތަނުގައި އެކަހަލަ ކަމެއްނުކުރާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނާއިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނެފައިވަނީ މިއީ ނުހައްގުން ދިން އަދަބެއް ކަމަށާއި، ހައްގު ނުހައްގު އެނގޭނީ މަހްޝަރު ދުވަހުން ކަމަށެވެ.