ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ މި ނިންމުމުގެ ސަބަބުން، ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ. އަދި މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.
އޮޕްޝަނަލް އިޝުއަރ ފީ ނުވަތަ ކްރޮސް ބޯޑަރ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ ވިސާ ނުވަތަ މާސްޓަރކާޑު މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ. މިކަމަށް ހިނގާ ހަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް އޮޕްޝަނަލް އިޝުއަރ ފީގެ ގޮތުގައި ނަގައެވެ.
ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބީއެމްއެލްއިން ކާޑުގެ ހިދުމަތް ތައާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުއާމަލާތްތަކުން މި ފީ ނަގަމުންދިޔަކަން ފާހަގަކޮށްލެވެއެވެ.