ސަރުކާރުގަިއ ތަކުރާރުކޮށް އެދުމުން ވެސް ކޮންގްރެއް ބާއްވާނެ ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މި މަހުގެ 19 ގައި ބާއްވަން ތާވަލުކުރި ކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކޮންގްރެސް ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަންދޫން ކަނޑައެޅުމާއި މުޅި ޑެލިގޭޝަންގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މި ފަހަރުގެ ކޮންގްރެސްގައި އެންމެ ތަފާތު ކަމަކީ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުން ކަމަށެވެ. އެގޮތުން ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި ޕާޓީ މެދުވެރުކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މި އިންވެސްޓްމެންޓް ފޯރަމުގައި އަޅުގަނޑުމެން ބޮޑަށް މިބަލަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، އަދި ރާއްޖޭން ބޭރުގެ ފަރާޓްތަކުގެ މެދުގައި ކައުންސިލްތަކުން ހިންގަން ގަސްތުކުރާ ޕްރޮޖެކްޓުތަކަށް އެބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަރަކާ އެބޭފުޅުންގެ ބައިވެރިވުމެއް ލިބޭނެ ގޮތަކަށް މިކަންކަން ކުރިއަށްގެންދިއުމަށް. މިއީ ހުޅުވާލައިގެން ބާއްވާ ފޯރަމެއް. ޝައުގުވެރިކަން ހުރި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެބަ ދައުވަތު އަރުވަން.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް

ޝިފާޒް ވިދާޅުވި ގޮތުގައި މިފަހަރު ކޮންގްރެސްގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ ”ރަށްވެހި އުފެއްދުން“ އެވެ.

ކޮންގްރެސް ލަސްވުމާ ގުޅިގެން މި މަހުގެ 20 އާ ހަމައަށް އުފައްދައި ފުރިހަމަވާ ޕާޓީގެ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވެވޭނެ ކަމަށް ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަދި މި މަހުގެ 30 އިން ފެށިގެން ކޮންގްރެސްގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަނީ، އެ ޕާޓީގެ މިފަހަރުގެ ކޮންގްރެސް ބޭއްވުމަށް ޕާޓީގެ މަންދޫބުންނަށް އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެ ވަރުގެ ތަނެއް މި ސަރުކާރުން ނުދިން ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.