ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓްކޮށްފިއެވެ.

މިއަދު އެމްއެމްއޭ އިން ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ.

ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭ އިން ބުނީ މި ދެ ގަވާއިދަށް ވެސް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށެވެ.