ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާއްސަ ޕޯޓަލްއެއް ތަޢާރަފުކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" އަކީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުން އެ ވުޒާރާއާއި ހިއްސާކުރުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ. އެގޮތުން ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރަށް ސުވާލުތަކަށް ޖަވާބު ދިނުމާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތުވެސް އެ ޕޯޓަލް މެދުވެރިކޮށް ވަނީ ފަހިކޮށްދީފައެވެ.

އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ޕޯޓަލަށް ހުށަހަޅާ ކަންކަމުގެ އަދާހަމަ ބަލައި، އެކަމަކާއި މެދު ނިންމާ ގޮތެއް ނުވަތަ، ޖަވާބުދާރީ ވުމުގައި އޮތް މަރުހަލާ ބަލާލެވޭނެ ގޮތަށެވެ. މިއީ އީމެއިލް ކުރުމާއި، ފޯނު ކޯލްތައް މެދުވެރިކޮށް ނުވަތަ ސީދާ އެ ވުޒާރާއަށް ހާޒިރުވެގެން މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި، ވީހާވެސް ލުއިފަސޭހަކަމާއި ހަލުވިކަމާއެކު ޚިދުމަތްތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެއް ކަމުގައި ވުޒާރާއިންފާހަގަކުރެއެވެ.

މި ޕޯޓަލް ބޭނުން ކުރުމަށް ދާންޖެހެނީ https://facilitation.trade.gov.mv ވެބްސައިޓަށެވެ. އަދި ވެބްސައިޓުގައި ރަޖިސްޓްރީ ވުމަށް ފަހު ހުށަހަޅާ މައްސަލަތަކާއި، ކަންބޮޑުވުންތަކާއި، ޚިޔާލާއި ސުވާލުތައް ހުށަހެޅޭނެ ކަމަށާއި، ކޮންމެ ހުށަހެޅުމަކަށް ވަކި ރިފަރެންސް ނަންބަރެއް ދެވުމުން އެ ފަރާތެއްގެ ހުށަހަޅާ ކަމެއްގެ އަދާހަމަ ބެލުމަށް ފަސޭހަވާނެ ކަމަށް އިޤްތިޞާދީ ވުޒާރައިން ބުނެއެވެ.