ފަލަސްތީން ރައްޔިތުންގެ ހައްގުގައި ހުޅަނގުގެ ގައުމުތަކުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
މި ބަޔާން ނެރެފައިވަނީ އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސިވިލާތް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާއި، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމަށް ޔަހޫދީން ކުރަމުން އަންނަ މަސައްކަތްތަކާއި ދެކޮޅަށް ހުޅަނގުން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާޅުކޮށްފައިވާ އެކުވެރި ޢަޒުމް ރާއްޖެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަމަށެވެ. އެ ގައުމުތަކުން ނެރުނު ބަޔާނަކީ އެ ސަރަހައްދުގެ އަމާންކަމާއި ސުލްހަ ގާއިމުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ރައްކާތެރިކަމާއި ކަރާމާތް ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
އެ ބަޔާނުގަައި ވަނީ ފަލަސްޠީނުގެ ބިންތައް ވެރިވެގަތުމަށާއި އެ ގައުމުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އެ ގައުމުތަކުން ނިންމި ނިންމުމަށް ރާއްޖެއިން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ އިސްރާއީލުން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު އަލުން ތަކުރާރު ކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް، ޚާއްޞަކޮށް އަމިއްލަ އިޚްތިޔާރުގައި އަމިއްލަ ވެރިކަމެއް ޤާއިމުކުރުމުގެ ޙައްޤަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި ދެމެހެއްޓެނިވި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ދެމުންގެންދާ ތާއީދުގައި ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ.
އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޔަހޫދީ ވަޒަންވެރިންގެ އުފެއްދުންތައް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއަށް އެތެރެކުރުންވެސް އެ ޤައުމުތަކުން ވަނީ މަނާކޮށްފައެވެ.