މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އެމްއެމްއޭއިން ދާދިފަހުން ވަނީ އާ އިމާރާތް އަޅަން 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ހުޅުމާލެއިން ބިމެއް ގަނެފައެވެ.
އެމްއެމްއޭއިން މިއަދު ހަވީރު ކުރި އިއުލާންއެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އާ އިމާރާތް އަޅަން ބޭނުންވަނީ ހުޅުމާލޭގައި 8064 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ލިބޭނީ ކުރިން އެފަދަ ބޮޑު އެއް ޕްރޮޖެކްޓެއް ފާއިތުވި ފަސް އަހަރު ތެރޭގައި ހިންގައިފައިވާ ފަރާތަކަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި ކުރީގެ ޕްރޮޖެކްޓަކީ 150 އާއި 200 މިލިއަން ޑޮލަރާ ދެމެދުގެ ޕްރޮޖެކްޓެއް ކަމަށް ވާން ޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ. މި ޕްރޮޖެކްޓުގެ 85-90 ޕަސެންޓް ފައިނޭންސް ކޮންޓްރެކްޓަރު ހަމަޖައްސަންޖެހޭއިރު، ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ ހަމަޖައްސައިދޭނީ އެމްއެމްއޭއިންނެވެ.
އެ އިމާރާތުގައި އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ އިތުރުން ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ހާއްސަ ތަންތަނާއި ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއް ވެސް ހިމެނޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މީގެ އިތުރުން، މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް ވެސް ހިމެނޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭ އިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް އެދިފައެވެ.
އެމްއެމްއޭ އިން ބުނީ ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައި ވަނީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.