ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުގެ ދާއިރާ އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްއާއި މޯލްޑިވިއަންއާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވައިގެ ދަތުރުފަތުގެ ދާއިރާގެ ގުޅުންތައް ހަރުދަނާ ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މުހިންމު މާކެޓްތަކަށް އެކްސެސް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މޯލްޑިވިއަންއިން އަންނަ އަހަރުން ފެށިގެން އޮސްޓްރޭލިއާއަށް ޝެޑިއުލް ދަތުރުތައް ކޮންމެ ހަފުތާއަކު 1 ދުވަހު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މޯލްޑިވިއަނުން ދަނީ ބަންގްލަދޭޝްއަށް ހަފްތާއަކު 2 ދަތުރު، ޗައިނާގެ ބެއިޖިން އަދި ޗެންގްޑޫއަށް ހަފްތާއަކު 1 ދަތުރު އަދި އޮސްޓްރޭލިއާގެ މެލްބާންއަށް ވެސް ހަފްތާއަކު 1 ދަތުރުކުރަމުންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން މި އަހަަރުގެ މިހާތަނަށް 1.31 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވެއެވެ. ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ދަނީ ރާއްޖެއިން ބޭރުގެ އެކި ފެއަރތަކުގައި ބައިވެރި ރޯޑް ޝޯވތައް ވެސް ބާއްވަމުންނެވެ.