ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އުފެދޭ "އެލްނީނޯ" ގެ ބާރު ގަދަވަމުންދާއިރު، ރާއްޖެއަށް ވެސް މިކަމުގެ އަސަރު ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެދިއްޖެއެވެ.

އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން، އެކި ދާއިރާތަކުން ހާއްސަ ސަމާލުކަމެއް ދީގެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުމާއި، ޒަރޫރީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖައާކުރުމާއި، މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ހިމެނެއެވެ.

މީގެ އިތުރުން، މިފަދަ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން، އދ. ގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަނާ ބެހޭ އިދާރާ (ޔޫއެންޑީއާރްއާރް) އިން ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު އުސޫލުތަކަކާއި އިރުޝާދުތަކެއް އެކުލަވާލައި އާންމުކޮށްފައެވެ.

އެލްނީނޯއަކީ މެދުތެރޭ އަދި އިރުމަތީ ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންވަރަށްވުރެ ބޮޑަށް މައްޗަށް ދިއުމުގެ ސަބަބުން އުފެދޭ ގުދުރަތީ މޫސުމީ ހާލަތެކެވެ.