މުޅި މާލެ ރެޖިސްޓަރޑް ކޮންޓްރޯލް ޒޯނަކަށް ހަދައިގެން ނޫން ގޮތަކަށް ރެޖިސްޓްރޭޝަންގެ މައްސަލަ ހައްލުކުރަން ދަތިވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، އެކަމަށްޓަކައި ވަރަށް ގިނަ ފަރާތްތަކާއި ކޮންސަލްޓް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ވިޔަފާރި ވެރިންނާއި އާންމު ރައްޔިތުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުއައްސަސާތައް ވެސް ހިމެނޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ ދާދިފަހުން އެކުލަވާލި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުން އަންނާނެ އެންމެ ބޮޑު އެއް ބަދަަލަކީ އާންމެ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުން ކަމަށާއި، މުޅި ގާނޫނު ފަރުމާކުރެވިފައި އޮތީ އާންމު ފަރުދުންގެ ރައްކާތެރި ކަމަށް އިސްކަންދީގެން ކަމަށެވެ.

މީގެއިތުރުން، މާލެ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ވުމުގެ މާނައަކީ ރެޖިސްޓަރ ނުކުރެވޭ ޒޯނަކަށް ވުން ނޫން ކަމުގައި ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެއީ ވަކި މިންގަނޑުތަކެއްގެ މަތީން ވަކި ގޮތަކަށް އިންތިޒާމް ކުރެވިގެން ކުރެވޭ ކަމެއް ކަމަށެވެ.

މިއާއެކު ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް އެހެން ޒޯނެއް ހެދުމަށްވެސް ގާނޫނު މަނާ ނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ މިސާލަކަށް ނަންގަވާ ވަޒީރު ވިދާޅުވީ އެ ސިޓީގެ ވެހިކަލް ކޮންޖެޝަން މައްސަލަ ބޮޑުވާނަމަ އައްޑޫ ސިޓީގެ ކައުންސިލުން އެތަން ކޮންސަލިޑޭޓެޑް ޒޯނަކަށް ބަދަލު ކުރުމުގެ ހުއްދަ ލިިބިގެންވާ ކަމަށެވެ.

އެހެންވެއްޖެ ކަމަށް ވަންޏާމު މިނިސްޓްރީއަށް ސަރުކާރަށް ހުށަހެޅުމުން ސަރުކާރުން އެކަމާ ވިސްނާފަ. މިފަދަ ނިންމުންތަކެއް ނިންމުމަކަށް ހުރަހެއް ނެތް. އެހެންނަމަވެސް އެކަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ އިންތިޒާމް ތަކެއްގެ ތެރެއިން އެކަން ކުރިއަށް ދާނީ. ހަމަ މިގޮތް އޮތީ ކުޅުދއްފުށީގައި ވެސް. ސިޓީ ތަކުގައި އޮތީ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

މިކަން އެޑްމިނިސްޓްރޭޓް ކުރުމަށްޓަކައި ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ސިޔާސަތު ކަނޑައެޅުމުގައި ފުށުއެރުންތަކެއް ހުރުމުން، އެކަމަށް އެންމެ ރަނގަޅު ގޮތަކީ ސިންގަލް ވިންޑޯ އެރޭންޖްމެންޓެއް ގާއިމްކުރުން ކަމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.