އަންނަ އޮކްޓޯބަރ މަހުގެ 27 އާ ހަމައަށް ރީ-ރަޖިސްޓްރީނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.
އެމްއެމްބީސީއިން ވަނީ 'ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 27 ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.
އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް، ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލު ކުރެވޭނެ ކަމަށް ވެސް އެމްއެމްބީސީން ވަނީ ބުނެފައެވެ.
މި ގަވާއިދުގެ ދަށުން ނޫސްމަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށާއި، ނޫސްމަޖައްލާއެއްގައި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. އެކަމަކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު ވުޖޫދުވެ، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ ކޮމިޝަނާ އެވެ.