ހޫޘީން ސައޫދީ އަރަބިއްޔާއަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ އަބްހާ އާއި ޚަމީސް މުޝައިތުއާއި ޖާޒާން އަދި ނަޖުރާނުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގުތިސާދީ ވަސީލަތްތަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންގެ ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، ރާއްޖެއިން ސިފަ ކުރާގޮތުގައި މިއީ ސައުދީގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ދިން ހަމަލާތަކެއް ކަމަށެވެ.

ހާރިޖީ ވުޒާރާއިން ވަނީ، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އެ ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި ސަރަހައްދުގައި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.