ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުން، އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ، މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެދިފައެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން، ހަށިގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުން 40°C ނުވަތަ އެއަށްވުރެ މަތިވުން، ހަންގަނޑު ރަތްވެ، އާދަޔާ ހިލާފަށް ހޫނުވުން، ވިންދު ޖަހާ މިންވަރު އަވަސްވުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ލަސްނުކޮށް 100އަށް ގުޅައި ސިއްހީ އެހީތެރިކަން ހޯދުމާއި، ހިޔާ ސަރަހައްދަކަށާ ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުމާއި، ބާރު އަންނައުނެއް ލައިގެން ހުރިނަމަ ހަށިގަނޑު ފިނިކުރުމަށް ދޫއަންނައުނަކަށް ބަދަލުކުރުމުގެ އިތުރުން، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުން އަދި ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުމާއި ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުން ހިމެނެއެވެ.

މީގެއިތުރުން އެޗްޕީއޭއިން ވަނީ ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުން ދިޔުމުގެ ސަބަބުން ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާ ވާނެ ކަމަށާއި، ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.