ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެނެވި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސެޕްޓެންބަރު 05 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފައިވާކަމަށެވެ. އެމަނިކުފާނު މި މައްސަލައާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެޑައިގަތުމަށް ދަންނަވާ ޗިޓެއް ހަވާލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މަސައްކަތްކޮށްފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

އެގޮތުންް، ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 18:40 އެހައިކަންހާއިރު، ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކޮށް، ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ލިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް، ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެއްމެހައި ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަމީނީމަގުގައި ހުންނަ ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދައިފައިވާ މައުލޫމަށް ބަލާއިރު މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.