ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ފަރާތުން ފުލުހުންނަށް އަންގައިފިއެވެ.
ކުރީގެ ރައީސް ޔާމީނަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދަން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރަން އުޅުމުންނެވެ.
ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު އިއްޔެ ފުލުހުން ޔާމީންގެ ގެކޮޅަށް ގޮސްފައި ވަނީ ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގްރީން ބިލްޑިންގުގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމާ ގުޅިގެންނެވެ. ޔާމީން ވަނީ އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ފުލުހަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރަން އުޅުމާއި ގުޅިގެން ޔާމީންގެ ވަކީލު ހަމްޒާ ލަތީފްގެ ފަރާތުން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދަށް، ފޮނުއްވި ސިޓީގައި ވިދާޅުވީ އިއްޔެގެ އެކި ވަގުތުގައި ފުލުހުން ވަނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން ޔާމީނަކީ ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް މައުލޫމާތު ދެވިދާނެ މީހެއްކަމަށް އެ ޗިޓުގައި ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
ނަމަވެސް އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެއްވެސް އިތުރު މައުލޫމާތެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ހަމްޒާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެެއް ކަމަށާއި އެހެންކަމުން އެކަން ހިނގަން މެދުވެރިވި ސަބަބު ވެސް އެނގޭނީ ފުލުހުންނަށް ކަމަށް އެ ސިޓީގައި ވެއެވެ. މީގެ އިތުރުން އާންމު ތަނެއްގައި ވެސް ރައީސް ޔާމީނު ވިދާޅުވެފައި ވަނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރައްވާފައިވާ މައްސަލައެއް ކަމަށް ވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށް ވަކީލުގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ފަރާތުން އެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުވުމަކީ ބޭނުންތެރި ކަމެއްކަމަށް ފުލުހުން ވެސް ގަބޫލު ނުކުރާނެ ކަމަށް އެ ސިޓީގައިވެއެވެ.
ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އިހްސާން ވަނީ އެ މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ތުހުމަތުތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ. ރައީސް މުއިިއްޒު ވިދާޅުވީ އެމައްސަލައާ އެމަނިކުފާނާ އެއްވެސް ވަރަކަށް ނުގުޅުވޭނެކަމަށެވެ.