ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަތުން ނަގާ "ކްރޮސް ބޯޑަރ ޗާޖު" ލުއިކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ މުހައްމަދު ޝަރީފް އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި "ސްޓޫޑަންޓް ލިމިޓް"ގެ ދަށުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން އިތުރަށް ފައިސާ ކަނޑާފައިވާ ކަމަށެވެ. މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ފައިސާ ނަގާ ވަގުތު ކުދިންގެ އެކައުންޓުން ދައްކާ އަދަދަށްވުރެ މުޢާމަލާތް ސެޓަލްވި އިރު ގާތްގަނޑަކަށް %10 އިތުރުވެފައިވާ ކަމަށާއި އެ އިތުރުވާ އަދަދަކީ "ބީއެމްއެލްގެ ޝެޑިއުލް އޮފް ޗާޖަސް" ގައި ބަޔާންކޮށްފައިވާ ކްރޮސް ބޯޑަރ ޗާޖުކަމަށް ބެލެވޭ ކަމުގައެވެ. މިދިޔަ މަސްތެރޭގައި ފާހަގަވި ބަދަލުތަކުގެ ތެރޭގައި އޭޓީއެމް އިން ފައިސާ ނަގާއިރު، ފައިސާ ނަގާ ވަގުތުގެ ރޭޓުން ނުވަތަ މުއާމަލާތް ސެޓްލްވާ ވަގުތުގެ ރޭޓުން ނުވަތަ ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބޭ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
އަދި ފައިސާ ނަގާ ވަގުތުގެ ރޭޓުން އޭޓީއެމް އިން ފައިސާ ނަގާ ކަމުގައިވާނަމަ ބޭރުގެ ބޭންކުން ކަނޑައަޅާފައިވާ ރޭޓުގައި، އެ ބޭންކަކުން ނަގާ ފީ ހިމެނޭގޮތަށް އެކައުންޓުން ފައިސާ ކެނޑޭ، އަދި ބޭރުގެ ބޭންކުން ނަގާ ޖުމްލަ އަދަދު ބީއެމްއެލް އެޕްލިކޭޝަންގެ ޕެންޑިންގް ޓްރާންސެކްޝަންގެ ތެރެއިން ފެނޭ ސެޓްލްވާ ވަގުތުގެ ރޭޓުން އޭޓީއެމްއިން ފައިސާ ނަގާ ކަމުގައި ވާނަމަ، ބޭރުގެ ބޭންކުން ޑޮލަރު މާރުވާ ރޭޓު ކުރިއަށްވުރެ ކުޑަ ކުރުމަށް ފަހު އެ މުއާމަލާތް ފުރިހަމަ ކުރުމަށް ބީއެމްއެލްގެ އަތްމައްޗަށް ދޫކޮށްލާ އަދި ސެޓްލްވާ ވަގުތު ކެނޑޭ ޖުމްލަ އަދަދު ފައިސާ ނަގާ ވަގުތުގެ ރޭޓުން އޭޓީއެމް އިން ފައިސާ ނަގާވަރަށްވުރެން އިތުރުވާ ކަަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
މިގޮތަށް ފައިސާ ނެގުމަކީ މާ ހަރަދުބޮޑު ގޮތެއް ކަމަށް މުހައްމަދު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
2026 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ފައިސާ ނަގާ ވަގުތުގެ ރޭޓުން އޭޓީއެމް އިން ފައިސާ ނެގުމަށް ބީއެމްއެލް އިން އެއްވެސް އިތުރު ޗާޖެއް ނަގާފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް 2026ގެ އޯގަސްޓު މަހުގެ ތިންވަނަ ހަފްތާއިން ފެށިގެން ގިނަ ދަރިވަރުންތަކަކަށް ވަނީ ފައިސާ ނެގި ވަގުތުގެ އަދަދާއި ސެޓްލްވި އަދަދާ މެދު %10 ގެ ފަރަގެއް ހުރިކަން ފާހަގަކުރެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި ވަނީ އެކަން ސާފުކޮށްދިނުމަށް އެ މުއާމަލާތްތަކުގެ ސްކްރީން ޝޮޓްތައް އެ ސިޓީއާއެކު ހިމަނާފައެވެ.
އެ ސިޓީގައި ވަނީ ސްޓޫޑަންޓް ލިމިޓްގެ ދަށުން ކުރާ މުޢާމަލާތުތަކުން އެއްވެސް ޗާޖެއް ނުނަގާނެ ކަމަށާއި އެއީ ކާޑު ނެޓްވޯކުން ނަގާ ޗާޖެއް ކަމަށް ބީއެމްއެލް އިން ކުރިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ވިސާ ނުވަތަ މާސްޓަރ ކާޑުން ނަގާ ޗާޖެއްތޯ ސާފު ކުރަން އެދުމުން އެއީ މައުލޫމާތު ދިނުމުގައި އެރި އޮޅުމެއް ކަމަށާއި އެ %10 އަކީ ބީއެމްއެލް އިން އަމިއްލައަށް ނަގާ "ކްރޮސްބޯޑަރރ ޗާޖު" ކަމަށް ފަހުން ބުނެފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
މުހައްމަދު އިބްރާހިމްގެ ސިޓީގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭ އެހެން ގިނަ ދަރިވަރުންތަކެއްވެސް ވަނީ ބޭންކުން އެފަދަ މައުލޫމާތު ލިބިފައިވާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި އެފަދަ ޗާޖެއް ނަގާފައިނުވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި ވަނީ ކުއްލިއަކަށް %10ގެ ޗާޖެއް ނަގަންފެށުމަކީ މެލޭޝިޔާގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހުރިކަމެއްކަން ފާހަގަކުރައްވާފައެވެ. މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް ލިބޭ ފައިސާގެ އަގު މިހާރުވެސް ދަށްވަމުން އަންނަ ކަން ފާހަގަކުރައްވާ އެ ސިޓީގައި ވަނީ އެ ހުރިހާ ހަރަދުތަކެއް އެކުވުމުން ދަރިވަރުންގެ އަތުން ވަރަށް ބޮޑު އަދަދެއް އުނިވެގެންދާނެކަން ހާމަކުރައްވާފައެވެ.
ސްޓޫޑަންޓް ލިމިޓަކީ ބޭރުގައި ތިބޭ ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށް އޮތް ވަސީލަތަކަށްވާއިރު، އެކަމުގައި ވިސްނާވަޑައިގެން ސްޓޫޑަންޓް ލިމިޓްގެ ދަށުން ނަގާ ފައިސާއިން "ކްރޮސް ބޯޑަރ ޗާޖު" ނެގުމާމެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގެ ސީއީއޯ ޝަރީފަށް ފޮނުއްވި ސިޓީގައި މެންބަރު މުހައްމަދު އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ.