ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ ރައްޔިތުންގެ ހަމަ އެކަނި ކުންފުނި ކަމަށެވެ. އަދި އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވަޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ނެތުންކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހިނގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަގު ތެރެއިން ފައިދާވާ އަދި ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ހަމައެކަނި ދިރާގު ކަމަށެވެ.
ނަޝީދު މިފަދައިން ޕޯސްޓުކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ .މުހައްމަދު މުއިއްޒު ދިރާގުގެ މެޖޯރިޓީ ހިއްސާ އާންމުންނަށް ދޫކޮށްފައިވާއިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ 51 އިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާ އެކަން ހާމަ ކުރެއްވުމުންނެވެ.
ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 އިންސައްތަ ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 އިންސައްތަ ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް 2009 ވަނަ އަހަރު އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން 7 އިންސައްތަ، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 އިންސައްތައަށް ދަށްވެފައެވެ.