ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ މީހެއް ކަމުގައިވާ އަދި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި ހައްސާން ވަހީދުގެ ތ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ހިއްސާ އޮންނަކަން ޔަގީންވެވަޑައިގެންނެވި ހިސާބުން އޭނާ ސަރުކާރުގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްގެ އާއިލާ ބޭފުޅަކު މެދުވެރިކޮށް ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރައްވަން އުޅޭކަމަށް ލިޔެކުންތަކާ އެކު ބައެއް މީޑިއާތަކުގައި ތުހުމަތު ކުރައްވަމުންދާ ކަމަށް ވިދާޅުވެ، އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަށް ވެސް ނޫސްތަކުން އެ ހަބަރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ މަނިކުފާނަކީ ވެސް ވަރަށް ގިނަ އާއިލީ މެމެބަރުން ތިއްބެވި ބޭފުޅެއްފުޅެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ އަމުއުލޫމާތު އެ މަނިކުފާނަށް ލިބިވަޑާއިގެންނެވުމާ އެކު އެކަމުގެ ތެދު ދޮގު ޔަގީން ކުރައްވަން ހައްސާން އަށް ގުޅުއްވައި ސުވާލު ކުރެއްވުމުން އެއީ ތެދެއް ކަމަށާއި، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް އެބައޮތް ކަމަށް ވިދާޅުވި ކަމަށެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް ބައްލަވައި އެކަން އަމިއްލަފުޅަށް ޔަގީންކުރެއްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ހައްސާން ހިއްސާވާ ކުންފުންޏަކީ، އިންޑިއާގެ އާޔަތާނާ ހޮސްޕިޓާލިޓީސްއާ އެކީ އޭނާ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ތ. ފުއްޓާއި ވަންބަންޖާއި ކަނި ރިސޯޓު ތަރައްގީކުރަން ނަގާފަ އެވެ. މި ކުންފުނީގެ އިންޑިއާގެ ހިއްސާދާރަކީ ރިއަލް އެސްޓޭޓު ވިޔަފާރިކުރާ އަރަޓު ޑިވެލޮޕާސް އެވެ.