ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ގަވާއިދުގައި ބުނީ އެ އިދާރާގައި ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި އެ ވަޒީފާ ހަމަޖައްސާނީ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަހަރުން އަހަރަށް އެއްބަސްވުން އައު ކުރާގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އަލުން ވަޒީފާ ހަމަޖެހޭނީ އުމުރުން 75 އަހަރު ހަމަވުމާ ދެމެދު މަދުވެގެން 13 މަސްދުވަސް އޮތް ފަރާތްތަކަށް ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ އެ އިދާރާގެ ދާއިމީ މުވައްޒަފަކު ވަޒީފާގައި ދެމިހުންނަށް އެދޭނަމަ އުމުރުުން 65 އަހަރު ފުރުމުގެ 6 މަސް ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާއިރު އެ މީހަކު ޕެންޝަން ޙައްގުވާ އުމުރު ހަމަވިއިރު ހުރި މަޤާމު ނުވަތަ އެހެން މަޤާމެއްވެސް ދެވިދާނެ ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކުރިން ހުރި މަޤާމުގެ މަސްއޫލިއްޔަތު ބަދަލުކޮށް މުސާރައާ އިނާޔަތްތަކަށް ބަދަލުގެނެސްގެންވެސް ވަޒީފާ ހަމަޖެއްސޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އަލުން ވަޒީފާ ހަމަޖެހުމަށްފަހު އެ ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކުން 21 ދުވަހުގެ ނޯޓިސް ދޭންވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ. މި އުސޫލުގެ ދަށުން ވަޒީފާއަށް ވަންނަ ފަރާތްތަކުގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށް ގަވަރުނަރެވެ. ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު ވުޖޫދަށް ގެނައީ އުމުރުން 65 އަހަރުވުމުން ރިޓަޔަރވާންޖެހުނު ނަމަވެސް އެކި ސަބަބުތަކާ ހުރެ އެއަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމަށެވެ.