ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތު، އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.

ރައިސް އޮފީހުން އާންމުކޮށްފައިވާ ގޮތުގައި، އައި.ޓީ.އެފް.ސީގެ ސީއީއޯ ވަނީ އިއްޔެ ހަވީރު މުލީއާގެއަށް، ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްގީއާއި، އަދި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް، ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ.