ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަނދައިގެން ގޮސްފައިވާ މައްސަލައާ ގުޅުވައިގެން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކުރައްވާފައިވާ ތުހުމަތުތައް ތަހުގީގުކުރަން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައިފި އެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިމާރަތްތަކުގައި ރޯވި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް މިމަހުގެ 5 ވަނަ ދުވަހު، ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ ވަޒީރު އިހުސާން ވިދާޅުވީ، އެހެންކަމުން މިމައްސަލާގައި ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއްހުރިނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވަނެ ކަމަށެވެ.

މީގެ އިތުރުން، ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދިނުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ދަންނަވާފައިވާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވި އެވެ.

ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށްވީ އިރު، އެ އިމާރާތްތައް ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

އެ އިމާރާތްތަކުގައި ހިންގަމުންދިޔައީ، ހައުސިން މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ އެވެ.