މި އަހަރުގެ ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ޖުމްލަ 68,544 އެނދު ނެރެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފަސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 68،544 އެނދު ނެރެފައިވާއިރު އެއީ ރިސޯޓުތަކާއި މެރިނާސްއަށް 45،141 އެނދު، ހޮޓެލްތަކަށް 2،654 އެނދު، ގެސްޓްހައުސްތަަކަށް 17،268 އަދި ސަފާރީތަކަށް 3،481 އެނދެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ގޮތުގައި 179 ރިސޯޓު، 956 ގެސްޓުހައުސް، 172 ސަފާރީ، އަދި 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,323 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، 33،513 ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ. އަދި ސަފާރީތަކުގައި 26،550 ފަތުރުވެރިންވަނީ ޗުއްޓީ ހޭދަކޮށްފައެވެ.