އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދަން ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އިންޓާންޝިޕްގެ 13 ވަނަ ބުރުގައި ބައިވެރިވާން އެދޭ ޑޮކްޓަރުން މި މަހުގެ 24ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ ކަމަށެވެ. އައިޖީއެމްއެޗްގެ އިންޓާންޝިޕަށް އާއްމުކޮށް ހުޅުވާލަނީ 15 ޖާގަ ކަމުގައިވީ ނަމަވެސް މި ފަހަރު އެ އަދަދު ވަނީ 24 އަށް އިތުރުކޮށްފަ އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ނޭޝަަލް ހެލްތު ކެއާ އެކަޑެމީއަށް ކަމަށެވެ. މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް www.igmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ އިންޓާންޝިޕަށް ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށެވެ.
އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހޭއިރު އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެއެވެ. މީގެ އިތުރުން ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ.
އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އޭޑީކޭގައި ވެސް މެޑިކަލް އިންޓާންޝިޕްތައް ކުރިއަށް ގެންދެއެވެ.