ހުރިހާ ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ދައުލަތުގެ ބޭސް ކުންފުނީގައި ޤާއިމުކުރެވިއްޖެކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ ޑރ.ޝާހް މާހިރް ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ބޭސް ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށާއި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަން މީގެ ކުރިން ފާހަގަކުރައްވާ ޝާހު ވިދާޅުވީ، އެކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. މީގެ ކުރިން ޝާހު ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށާއި، މިހާރު ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.