މަޖުބޫރު ކުރުވައިގެން ޕީއެންސީއަށް މުވައްޒަަފުން ވައްދާ ކަމަށް ބުނާ މައްސަލަ އެމްޑީޕީން، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ހުށަހަޅައިފި އެވެ.
މިއަދު ހެނދުނު އޭސިސީ އަށް މައްސަލަ ހުށަހަޅަން ވަނުމުގެ ކުރިން، މިދިޔަ ސަރުކާރުގެ ޑެޕިއުޓީ ހޯމް މިނިސްޓަރު، އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ، މި މައްސަލަ އަކީ 2028 އައުމުގެ ކުރިން ޕީއެންސީއަށް ދެލައްކަ މެމްބަރުން ހަމަކުރުމަށް ހިންގަމުންދާ ބޮޑު ކެންޕެއިނާ ގުޅިގެން ފެނަކައާއި، ސްޓެލްކޯގެ އެކި އެކި ބްރާންޗުތަކުގައި ތިބި، ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މީހުންނާއި، ޕީއެންސީ ނޫން ސިޔާސީ ޕާޓީ ތަކުގައި ތިބި މީހުން ވަޒީފާ އިން ވަކި ކުރަމުންދާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ.
ސަލީމް ވިދާޅުވީ، ފުރަތަމަ ޕީއެންސީއަށް ވަނުމަށް މަޖުބޫރު ކުރުވާ ކަމަށާ އަދި ނުވަދެއްޖެ ނަމަ ވަގުތުން ކަނޑާލަނީ ކަމަށެވެ.
ސަލީމް ވިދާޅުވީ، އަންހެން ދަރިން ވަޒީފާއަށް ފޮނުވަން މިހާރު މީހުން ބިރު ގަންނަ ކަމަށެވެ. އެއީ އެކުއްޖާއަށް ލިބޭނެ ގެއްލުމެއް ނޭނގޭތީ ކަން ފާހަގަކޮށް ސަލިމް ވަނީ މިހާރު ރާއްޖެ އެހާވެސް ބިރުވެރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއްވެސް މުއައްސަސާ އަކުން އެފަދަ ކަންކަމަށް އަޅާވެސް ނުލާ ކަމަށް ސަލީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ސަލީމް ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ މައްސަލަ އެއް އޭސިސީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކުރިން ހުށަހަޅާފައި ވަނީ މިހާރުގެ ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ޑީއެންއާރު ގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދިކަމަށް ތުހުމަތުކުރެވޭ މައްސަލަކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެ މައްސަލާގައި މިނިސްޓަރު އިހުސާން ރައްޔިތުންގެ ކުރިމަތީގައި އެކަން ކުރި ކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެ މައްސަލަ އޭސީސީން ނުބަލާ ކަމަށާއި، އެ މައްސަލަ ބަލާފައިވާނަމަ މިނިސްޓަރު އިހުސާން އޭނާ ހުންނެވި މަގާމުގައި ނުހުންނަވާނެ ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.